Feeds:
Posts
Comments

Archive for May, 2009

 

 

 

 

އެމެރިކާގައި އަންހެނުން އެބައިމީހުންގެ ގެތަކުން ނެރެލެވުނުގޮތް

 

 

 

18 ވަނަ ޤަރުނުން ފެށިގެން މިއަދާއި ހަމަޔަށް ހުޅަނގުގެ ޢާއިލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހުޅަނގުން މި ބަދަލަށް އަންހެނުން މިނިވަން ކުރުމުގެ ހަރަކާތޭ ކިޔުނަސް ތާރީޚީ ޙަޤީޤަތަށް ބަލާއިރު ފެނި ހާމަވެގެންދަނީ މީގެ އިދިކޮޅެވެ.

 

 

18 ވަނަ ޤަރުނުގެ ކުރިން އެމެރިކާއަކީ ދަނޑުވެރިކަން ކުރި ޤައުމެކެވެ. އަދި އެޤައުމުގެ 90% މީހުން މަސައްކަތް ކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ކޮންމެ ގެއެއްގެ މީހުންވެސް އުޅެމުން ދިޔައީ އަމިއްލަޔަށް ފުދިގެންނެވެ. އާއްމުގޮތެއްގައި އެމީހުންނަށް ބޭނުންވާ ހުރިހާއެއްޗެއް އެމީހުންގެ ގެތަކުން ލިބެއެވެ. ގޭގައި އުފެއްދެން ނެތް ތަކެތި އެމީހުން ގަނެ އުޅުނީ އެތާނގެ މަސައްކަތްތެރިންގެ ގާތުންނެވެ. ޔޫރަޕުން އެތެރެ ކޮށްފައިވާ އެހެނިހެންތަކެތި ގަނެ އުޅެނީ ފިހާރަތަކުންނެވެ. ގޭގެ ފިރިހެންވެރިން ދަނޑުގެ ކަންތައް ބަލަހައްޓައެވެ. އަދި އަންހެންވެރިން ގޭގެ ކަންތައްތަކުގައި ގޭގައި މަސައްކަތް ކުރެއެވެ.

 

 

އިންޑަސްޓްރިލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބް )

 

18 ވަނަ ޤަރުނުގެ ކުރީކޮޅު އެމެރިކާގައި އޮތް މި ދިރިއުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. 1807 ވަނަ އަހަރު އިނގިރޭސި ވިލާތާއި  ފްރާންސާއި ދެމެދު ފެށުނު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ރައީސް ޖެފަރސަން އެމެރިކާއާއި ޔޫރަޕާއި ދެމެދު ކުރެވޭ ހުރިހާ ވިޔަފާއިއެއް ހުއްޓާލުމަށް ޤަރާރެއްގައި ސޮއިކުރެއްވިއެވެ. މި ނިންމުމުގެ ދަށުން ޔޫރަޕްގެ އެއްވެސް އުފެއްދުމެށް އެމެރިކާގައި ނުވިއްކުމަށާއި އަދި އެމެރިކާގައި އެ ތަކެތި އުފައްދަން ޖެހޭނެކަމުގައި ކަނޑައެޅިގެން ދިޔައެވެ. ޔޫރަޕުން އެމެރިކާއަށް މައިގަނޑު ގޮތެއްގައި އިމްޕޯރޓްކުރި އެއް މުދަލަކީ ފޮތްޗެވެ. އެހެން ކަމުން ޔޫރަޕްގެ ފޮތި އިމްޕޯރޓް ކުރުން ހުއްޓުމާއެކު އެމެރިކާގެ މުއްސަނދި ވިޔަފާރިވެރިން މިސްރާބު ޖެހީ އެމެރިކާގައި ވަރުގަދަ ފޮތީގެ ސިނާޢަތެއް އުފެއްދުމަށެވެ.

 

 

1814 ވަނަ އަހަރު އެމެރިކާގެ ބޮސްޓަންގެ  ފްރެންސިސް ކޮބެޓް ލޯވެލް ކިޔާމީހަކު ޒަމާނީ ފުރަތަމަ ފެކްޓްރީ އުފެއްދިއެވެ. އަދި އެ ތާނގައި ކުރަންހުރި މަސައްކަތްތައް އިހުނަށްވުރެ އަވަސް އަވަހަހް ނިންމަންޖެހުނެވެ. ގެ ތަކުގައި އަތުން ތަކެތި ފަސޭހަކަމާއެކު އުފެއްދުނަސް ފެކްޓްރީ އެއްގެ ތެރޭގައި ބާރު ސްޕީޑުގައި  އަވަހަށް އެއްފުރާޅެއްގެ ދަށުން ތަކެތި އުފައްދައި ނިންމަންޖެހުނެވެ. އެހެންކަމުން މިހާރު ލޯވެލް އަށް ބޭނުން ވެފައިވާ ބަޔަކީ މަސައްކަތުމީހުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަންހެނުން، ޚާއްސަކޮށް ދަނޑުވެިރިންގެ ކާވެނި ނުކޮށްތިބި އަންހެންދަރިން މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅުން ފިރިހެނުން ގެންގުޅުމަށްވުރެ މާ ހަރަދު ކުޑައެވެ. އަދި އެ އަންހެނުންވެސް ފެކްޓްރީތަކުގެ އެކި އެކި މަޤާމްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވިއެވެ.

 

 

އެހެން ނަމަވެސް ލޯވެލް އަށް ކުރަންޖެހުނު މަސައްކަތަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ދެކެމުންއައި މި މިޖުތަމަޢުގެ ފިކުރު ބަދަލު ކޮށްލުމުގެ މަސައްކަތެވެ. އެހެންކަމުން އެ އަންހެނުންގެ މައިންބަފައިންނަށް އެ އަންހެނުން ރަނގަޅު ގޮތުގައި ބެލެހެއްޓި ރަނގަޅު އަޚްލާގުގައި މުޢާމަލާތް ކުރެވޭނޭކަމުގެ ޔަޤީންކަން އޭނާ ދިނެވެ. އަދި އެއަށްފަހު އޭނާ ދަނާލެއް (ބޯރޑިން ފެސިލިޓީ) ހެދުމަށްފަހު އެތަނުގައި ހުރިހާ އަންހެނުން ފެކްޓްރީ މަސައްކަތް ކުރަމުން އެކީގައި އުޅެން ފެށިއެވެ.

 

 

މިޔަށްފަހު ވަރަށް ގާތްގާތުގައި އެމެރިކާގެ އެކި ހިސާބުތަކުގައި ފެކްޓްރީތައް ހަދަންފެށިއެވެ. ފެކްޓްރީތަކުގެ ވެރިން ލޯވެލް ގެ ވިސްނުން ކުރިޔަށްނެރެ އޭނަޔަށް ތަބާވެ ކައިވެނި ނުކޮށް ހުސްހަށިބަޔަށް ތިބި އަންހެނުން ފެކްޓްރީތަކަށް މަސައްކަތް ކުރުމަށް ނެރުނެވެ. 1850 ވަނަ އަހަރުވީއިރު އެމެރިކާގެ ގިނަ އުފެެއްދުންތައް އުފައްދަމުން ދިޔައީ ފެކްޓްރީ ތަކުގައެވެ. އަދި ތަކެތި އުފެއްދުން ރަށްފުށު ހިސާބުން ސިޓީތަކަށް ބަދަލުވުމުން މީހުންވެސް ސިޓީތަކަށް ބަދަލުވާން ފެށިއެވެ.

 

 

ބޮޑު މުސާރައެއް ހޯދުމުގެ ބޭނުމުގައި މީހުންނަށް ޖެހުނީ އެބައިމީހުންގެ ގެތައްދޫކޮށް ދާށެވެ. އަންހެނުން ދަނޑުތަކުގައި މަސަކަތް ކުރިއިރު އަބަދުވެސް މަސައްކަތާއި އާއިލާ އާއި އޮންނަނީ ގުޅިފައެވެ. އަންހެނުން މަސައްކަތް ކުރުމަށް ގެއިން ބޭރަށް ނުކުތުމުން، އާއިލީ ޒިއްމާ އުމުލަން ނުޖެހޭ އަދި ފިރިޔަކު ނެތް އަންހެނުން މިގޮތަށް މަސައްކަތް ކުރުމަށް ދިޔައެވެ. މިހެން ވުމުގެ ސަބަބުން އާއިލާއާއި ދަރިން ރަނގަޅު ގޮތުގައި ޒިއްމާދާރު ގޮތުގައި ބެލެހެއްޓޭނެ ހަމައެކަނި ބަޔަކަށް ތިބީ ފެކްޓްރީ މަސައްކަތަށް ނުގޮސް ގޭގައި ތިބޭ އަންނެނުން އެކަނިއެވެ.

 

 

ގެއިން ބޭރުގައި މަސައްކަތް ކުރުން ކައިވެނި ނުކޮށްތިބޭ އަންހެނުންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ދިޔައެވެ. އެމީހުން ކައިވެންޏެއް ކުރަންދެން މަސައްކަތު ދެއެވެ. އަހަރުތައް ފާއިތު ވަމުން ދިޔަވަރަކަށް އާއިލީ ދިރިއުޅުން މަސައްކަތް ކުރުމަށް ހުރސްއަޅާ ކަމުގައި އަންހެނުންނަށް ބެލެވެން ފެށިއެވެ. އެހެންކަމުން ގިނަ އަންހެނުން ކައިވެނި ކުރުން ލަސްކުރަން ފެށިއެވެ. އަދި ބައެއް އަންހެނުން ހުސްހަށިބަޔަށް ތިބުމަށް ނިންމިއެވެ.

 

 

އެހެންނަމަވެސް ކައިވެނިކޮށްގެން ތިބި އަނބީން ގެތަކުގައި މަޑުކޮށް އެބައިމީހުންގެ ދަރީންނަށް އެބައިމީހުންގެ ވަގުތުތަށް ޚާއްސަކުރިއެވެ. މިހާރަކު ގޭދޮށު ދަނޑުގެ މސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ގޭގައި ތިބޭ އަނބިންނަށް ދަރިންނާއި އެކުގައި ހޭދަކުރުމަށް މާގިނަ ވަގުތު ލިބެން ފެށިއެވެ. 1900 ވަނަ އަހަރު ގެއިން ބޭރުގައި މަސައްކަތްކުރީ ކައިވެނި ކޮށްގެންތިބޭ އަންހެނުންގެ އެންމެ 5.6% މީހުންނެވެ. މި މުޖުތަމަމަޢުގައި އަންބަކު ގެއިންބޭރަށް މަސައްކަތުދާން ފަށައިފިނަމަ ބެލެވިފައި އޮތީ އޭނާގެ ފިރިމީހާ ގޯސްކަމުގައި ނުވަތަ އެއީ ވަރަށް ފަޤީރު ބައެއް ކަމުގައެވެ.

 

 

 

ފުރަތަމަ ބޮޑު ހަނގުރާމަ

 

 

އެމެރިކާގައި އެންމެ ގިނައިން ކައިވެނި ކޮށްގެންތިބޭ އަންހެނުން މަސައްކަތުގެ ބާޒާރަށް ނުކުންނަށްފެށީ ފުރަތަމަ ބޮޑު ހަނގުރާމައިގެތެރޭ 1914 ވަނަ އަހަރުގައެވެ. ގިނަ ފިރިހެނުން ހަނގުރާމަޔަށް ދިޔުމުން އެމީހުން ދޫކޮށްފައި ދިޔަ ވަޒީފާތައް އަދާކުރާނޭބަޔަކަށް ބޭނުންވިއެވެ. ކައިވެނި ނުކޮށްތިބި އަންހެނުންގެ އަދަދު ވަޒީފާގެ ބާޒާރަށް ބޭނުންވާ ވަރަށްވުރެ މާ މަދެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން މީހުންނާއި ކައިވެނި ކޮށްގެން ތިބޭއަންހެނުންނަށް ވެސް ވަޒީފާއަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރު އައިއިރު ވަޒީފާ އަދާކުރާ އަންހެނުންގެ 25% މީހުންނަކީ ކައިވެނިކޮށްގެން ތިބި އަނބިންނެވެ. މިއީ އަދި ހަމައެކަނި ފެށުމެކެވެ.

 

 

ފުރަތަމަ ބޮޑުހަނގުރާމަ ގެނައި އަނެއް ބަދަލަކީ އެމެރިކާގެ އަސްކަރިއްޔާއަށް އަންހެނުން ވެއްދުމެވެ. ގާތްގަނޑަކަށް 13000 އަންހެން މުވައްޒަމުން އެމެރިކާގެ އަސްކަރިއްޔާގެ ތެރެޔަށް ވެއްދުނެވެ. އޭރު ގިނަ އަންހެނުން ތިބީ އޮފީސް މަސައްކަތުގައެވެ.

 

 

ދަ ގްރޭޓް ޑިޕްރެޝަން  ( ބޮޑުވެގެންވާ ހައިހޫނުކަން )

 

 

ގްރޭޓް ޑިޕްރެޝަން އައީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. ވަޒީފާ ނެތް މީހުންގެ ރޭޓް 1929 ވަނަ އަހަރާއި 1932 ވަނައަހަރާއި ދެމެދު 3.2% އިން 23.6% އަށް އަރައިގެން ދިޔައެވެ. ހުނަރުވެރި މަސައްކަތްތެރިންނަށްވެސް ވަޒީފާ ލިބުން ދަތިވެގެން ދިޔައެވެ. ބައްޕައިން ވަޒީފާއެއް ހޯދުމަށް ދިޔައެވެ. ބައެއްމީހުން ވަރަށް ދަތިޙާލުގައި އެމީހުންގެ ޢާއިލާތައް ދޫކޮށްފައި ވަޒީފާއެއްލިބޭތޯ ދުރު ހިސާބުތަކަށް ދިޔައެވެ. އަދި އާއިލާތައް ބެލެހެއްޓުމަށްޓަކައި ފައިސާހޯދުމުގެ ޒިއްމާ އުފުލުމަށް ވަރަށްގިނަ އާއިލާތަކުގެ މަންމައިންނަށް މަޖުބޫރުވިއެވެ.

 

 

80% ފިރިން އެމީހުންގެ އަނބިން އެއްވެސް ޙާލަތެއްގައި ވަޒީފާޔަށް ދިއުމަށް ނުރުހުނު ކަމުގައިވިޔަސް އެދުވަސްވަރުގައި ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން މަޖްބޫރުވެގެން ގިނަ އަންހެނުން ވަޒީފާޔަށް ދިޔައެވެ. އެ އަންހެނުން ހޭދަކުރީ ވަރަށް ދިގު މަސައްކަތުގެ ވަގުތުތަކެކެވެ. އެހެންނަމަވެސް ލިބެނީ ވަރަށްކުޑަ މުސާރައެކެވެ. އޭރު ދޮން އަންހެނުންގެ 20% މީހުން އުޅުނީ ވަޒީފާތަކުގައެވެ.

 

ދެވަނަ ބޮޑު ހަނގުރާމަ

 

ދެވަނަ ބޮޑު ހަނގުިރާމަ ފެށުނީ 1940ގެ އަހަރު ތަކުގެ ކުރީ ކޮޅުގައެވެ. ހުރިހާ ފިރިހެނުންވެސް ހަނގުރާމަ ކުރުމަށް ނެރެވުނެވެ. އެހެންކަމުން އެމެރިކާޔަށް މަސައްކަތު މީހުންނާއި ތަކެތި ސަޕްލައި ކޮށްދޭނެ މީހުން ބޭނުން ވިއެވެ. އަނެއްކާވެސް ވަޒީފާދޭމީހުން އަންހެނުން ވަޒީފާތަކަށް ނެރުމަށް މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައިވެސް ކަންތައް ކުރެވުނު ގޮތަށް މި ހަނގުރާމައިގެ ދުވަސް ވަރުގައިވެސް ކައިވެނިނުކޮށް ތިބި އަންހެނުންނާއި ކައިވެނި ކޮށްގެންތިބި އަންހެނުންނަށް ވަޒީފާތަކަށް ނުކުތުމަށް ދަޢުވަތު ދޭންފެށިއެވެ.

 

 

އެހެންނަމަވެސް އޭރު އެމެރިކާ މީހުން ދެކޭ ގޮތުގައި ކައިވެނިކޮށްގެން ތިބޭ އަނބިން ވަޒީފާޔަށް މަސައްކަތު ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެންކަމުން އެމެރިކާގެ ޚަބަރު ފަތުރާ މީޑިޔާ އާއި ސަރުކާރު ގުޅިގެން އެމެރިކާ މީހުންގެ މި ވިސްނުން ބަދަލުކޮށްލުމަށްޓަކައި ޕްރޮޕަގެންޑާ ކެމްޕޭނެއް ފެއްޓިއެވެ. އެމެރިކާގެ ފެޑްރަލް ސަރުކާރުން އެތާނގެ އަންހެނުންނަށް އެންގީ ހަނގުރާމައިން އެމެރިކާޔަށް ނަޞްރު ލިބޭނީ އަންހެނުން ވަޒީފާތަކަށް ނުކުތުމުން ކަމުގައެވެ. އެހެން ނޫނީ ނަޞްރު ނުލިބޭނޭ ކަމުގައެވެ. އެހެންކަމުން މަސައްކަތްކުރާ އަންހެނުންނަކީ ރަގަޅު ރައްޔިތުން ކަމުގައި ވިސްނައިދިނެވެ. އެމީހުންނަކީ ވަތަންދެކެ ލޯބިވާ ބަޔަކު ކަމުގެ ފިކުރު އުފެއްދިއެވެ.

 

 

ސަރުކާރުގެ ފަރާތުން ފަންޑުކޮށްގެން 1942 ވަނަ އަހަރު މެގަޒިން ބިއުރޯއެއް އުފެއްދިއެވެ. މި ބިއުރޯއިން “މެގަޒިން ވަރ ގައިޑް” އޭ ކިޔާ ގައިޑެއް ނުކުއްމިއެވެ. މި ގައިޑް ގައި ބުނެދެނީ ކޮންމެ މަހަކުވެސް މެގަޒިންތަކުން އެމެރިކާއިން ކުރަމުންދާ ހަނގުރާމަޔަށް ތާޢީދު ހޯދުމަށް ޕްރޮޕެގަންޑާ ފެތުރުމަށް ޕަބްލިޝްކުރާނޭ ވާހަކަ ތަކުގެ ތީމް ތަކެވެ. 1943 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް މި ގައިޑްގައި ޚާއްސަކޮށްފައިވާ ތީމް އަކީ “މަސައްކަތުގައި އުޅޭ އަންހެނުން” މި ތީމެވެ. މި ތީމަށް ދީފައިވާ ޝިޢާރަކީ ”  މަސައްކަތުގައި އުޅޭ އަންހެނުން ގިނަވުން، ވީހާވެސް އަވަހަށް އަހަރެމެން (ހަނގުރާމައިން) މޮޅުވުން” މި ޝިޢާރެވެ. މިހެންވެ މެގަޒިންތަކުން އަންހެނުންނާއި ސަޤާފީ ގޮތުންވެސް ނުވެސްގުޅޭ ވަޒީފާތަކަށް މަސައްކަތުގެ ބާޒާރަށް އެމީހުން ނެރުމަށް ހިއްވަރުދީ އެކަންތައް މަތިވެރިކޮށް އެ ޚިޔާލު ފަތުރަމުން ދިޔައެވެ. މި ޚިޔާލުތައް ފަތުރަމުންދިޔަ މީހުންގެ ވިސްނުމަކީ މީހުން ޝައުޤުވެރި ނުވާކަހަލަ ކުދިކުދި ވަޒީފާތައްވެސް ރީތިކޮށްފަ ހިތްގައިމު ކުލަ ޖައްސާފަ އަބުރުވެރި މަސައްކަތްތައް ގޮތުގައި މީހުންނަށް ހުށަހަޅައިދިނުމުން އަންހެނުން މަސައްކަތުގެ ބާޒާރުގެ ތެރެޔަށް ވަންނާނޭ ކަމެވެ.

 

 

މީޑިޔާއިން  ” Rosie the Riveter”  ”  ރޯސީ ދަ ރިވެޓަރ ” ގެ ނަމުގައި ޚިޔާލީ ޝަޚްސިއްޔަތެއް އުފެއްދިއެވެ. މީގެ ބޭނުމަކީ އަންހެނުންނަށް ވަޒީފާއަށް ނުކުތުމަށް ހިއްވަރު ދިނުމެވެ. ރޯސީ ހުށައަޅައިދީފައި ހުންނަނީ ޤައުމުދެކެ ލޯބިވާ އަންހެނެއްގެ ގޮތުގައެވެ. ހުރިހާ އެމެރީކާގެ އަންހެނުންގެ ބަޠަލެއްގެ ގޮތުގައެވެ. ” މުޅި ދުވަހު ހަތަރުދަމު، ވާރޭ ވެހުނަސް އަވިދިނަސް އޭނާއަކީ ފެކްޓްރީގެ އެސަމްބްލީ ލައިންގެ ގެ ބަޔެކެވެ. އޭނާ މަސައްކަތް ކުރަނީ ނަޞްރު (އެމެރިކާ އަށް ދެވަނަ ބޮޑުހަނގުރާމުން ކާމިޔާބު)  ލިބުމަށެވެ…. ރަތާއި، ހުދާއި، ނޫގެ ޙަޤީގަތެއް ރޯސީ ދަ ރިވެޓަރ ގެ ކިބައިގައި ވެއެވެ. ” މިފަދަ ވާހަކަތައް ލިޔަމުން ފަތުރަމުން ދިޔައެވެ.

 

 

މި ޕްރޮޕެގެންޑާގެ މަސައްކަތްތައް ކާމިޔާބު ވިއެވެ. 6 މިލިޔަނަށްވުރެ ގިނަ އަންހެނުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މަސައްކަތުގެ ބާޒާރާއި ގުޅުނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނެވެ. 1940 ވަނަ އަހަރު ހަނގުރާމައިގެ ކުރިން ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން ކައިވެނިކޮށްގެންތިބި މީހުންގެ ނިސްބަތަކީ އެންމެ 36% އެވެ. މެދުފަންތީގެ އާއިލާތަކުގައި އަނބިން ވަޒީފާ އަދާ ކުރުމަކީ ރަގަޅު ކަމެއްނޫން ކަމުގައި ދެކެވެމުންއައި ގޮތް ބަދަލުވެގެން ހިނގައްޖެއެވެ.

 

 

ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު

 

 

1950 ގެ އަހަރުތައް ވެގެންދިޔައީ އެމެރިކާގެ އާއިލާ ތަކަށް ވަރަށްވެސް އުފާވެރި އަހަރުތަކެއް ކަމުގައެވެ. އެހެން ނަމަވެސް ހަނގުރާމައިން އައި ފިރިހެނުންނަށް ވަޒީފާގެ ބޭނުން ޖެހިއްޖެއެވެ. އަނެއްކާވެސް އެމެރިކާގެ ސަރުކާރާއި މީޑިއާ އެއްތަންވެ ޢާއްމުންގެ ވިސްނުން ބަދަލުކޮށްލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މި ފަހަރު އެމީހުން ހިއްވަރުދިނީ އަންހެނުން ވަޒީފާތައް ދޫކޮށް އެމީހުންގެ ގެތަކަށް ދިޔުމަށެވެ. މިކަމުން ފާޅުވި ހަޤީގަތަކީ އަންހެނުން ވަޒީފާޔަށް ނެރުނީ އެމީހުންނަށް މިނިވަންކަން ހޯދައި ދިނުމަށް ނޫންކަމެވެ. އެހެން ނަމަވެސް ވަޒީފާތަކަށް މަސައްކަތުމީހުން ބޭނުންވާތީއެވެ.

 

 

އެހެންނަމަވެސް އެމެރިކާގެ ސަރުކާރާއި މީޑިޔާގެ މި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެންވެ ވަރަށް އަވަހަށް އެކަންތައް ހުއްޓާލައިފިއެވެ. އިޤްތިސާދީ ގޮތުން ދަށްފަންތީގެ އަންހެނުން ވަޒީފާގައި މަޑުކުރަން މަޖްބޫރު ވިއެވެ.

 

 

ވަޒީފާތައް ދޫކޮށް އެމީހުންގެ ދަރިންގެ ގާތަށް ގެތަކަށް އައި އަންހެނުން އެމީހުންގެ ދިރިއުޅުން އެމީހުންގެ ދަރިންނަށް އަނެއްކާވެސް ޚާއްސަކުރިއެވެ. އެހެންނަމަވެސް ހަމަ މިދުވަސްވަރުގައި އެމރިކާގެ މީހުންގެ ދިރިއުޅުމަށް ވަރަށް މުހިއްމު ބަދަލެއް އައިސްފިއެވެ. އެއީ ޓީވީ ޢާއްމުވުމެވެ. 1960 ވަނައަހަރު ވީއިރު އެމެރިކާގެ އާބާދީގެ 90% އަށް އެންމެ މަދުވެންގެން ކޮންމެ މީހަކަށް އެއް ޓީވީ ސެޓް ލިބިފައިވެއެވެ. އާއިލާތަކުން އެއް ޓީވީ ސްކްރީންގެ ވަށައިގެން ތިބެގެން މުނިފޫހިފިލުވައެވެ. ކުރީޒަމާނުގައި ވިޔަފާރި އިސްތިހާރުތަކަށްވެސް މީހުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުރެއެވެ.

 

 

ގިނަ މެދުފަންތީގެ އާއިލާތަކަށް ރަގަޅު ފެންވަރުގެ ޓީވީއެއް ގަތުމުގެ މާލީ ތަނަވަސްކަން އެންމެ ޕޭއި ޗެކް އަކުން ލިބިފައި ނެތެވެ. އޭރު ޓީވީ އަކީ ރަގަޅުފެންވަރުގެ ދިރިއުޅުމަކަށް ވަރަށް މުހިއްމު އެއްޗެއްކަމުގައި އެމީހުން ދެކެމުން ދިޔައެވެ. ވަރަށްގިނަ އަންހެނުން އަނެއްކާވެސް މަސައްކަތުގެ ބާޒާރަށް ނުކުތީ ” އެމރިކާގެ މީހުންގެ ދިރިއުޅުމުގެ ފެނަވަރު ” ހޯދުމުގެ ގޮތުންނެވެ. އެމީހުންނަށް ކޮންމެ މާނަޔެއް މި ޢިބާރާތުން ދޭހަވިކަމުގައި ވިޔަސް ވެސްމެވެ.

 

 

1940 އިން 1950 ވަނަ އަހަރަށް މަސައްކަތުގެ ބާޒާރުގައި އުޅުނު އެމެރިކާގެ އަންހެނުންގެ އަދަދު 9% އިތުރުވިއެވެ. 1930 އިން 1940 އަށް އިތުރު ވެފައިވަނީ އެންމެ 3% އެވެ.

 

 

އަސަރުތައް

 

 

މަންމަމެން ވަޒީފާތަކަށް އެނބުރު ދިޔުމުން އެމީހުންގެ ދަރިން ބަލަހައްޓާނޭ ފަރާތަކަށް ވެގެންދިޔައީ ޓީވީ ތަކެވެ. 1950 ގެ އަހަރު ތަކުގައި ގިނަ ކުދިން އެކުދިންގެ ނިދުމުގެ ގަޑިތައް ނޫން އެހެންގަޑިތައް މުޅިންއެކީ ހޭދަކޮށްފައިވަނީ ޓީވީ ސްކްރީން ތަކުގެ ކުރިމަތީގައެވެ.

 

 

1940 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުދިންގެެ މަންމައިންގެ ތެރެިން ވަޒީފާޔަށް ގޮސްފައިވަނީ 8.6% މަންމައިންނެވެ. 1987 ވަނަ އަހަރާއި ހަމަޔަށް އައި އިރު 18 އަހަރުން ދަށުގެ ކުދިންގެެ މަންމައިންގެ ތެރެއިން ވަޒީފާޔަށް ގޮސްފައިވަނީ 60.2% މަންމައިންނެވެ.

 

 

އަންހެނުން އާއިލާގެ މާލީ ހަރަދު ބަލަހައްޓަމުންދާކަމުގެ އިހުސާސް އެމީހުންނަށް ވުމުގެ ސަބަބުން އެމީހުންނަށް ވިސްނެންފެށީ އަދި ގަބޫލް ކުރެވެންފެށީ އެމީހުންގެ ފިރިން ގޭގައި ދަރިން ބަލަހައްޓައި ގޭގެ މަސައްކަތްތައް ކުރަންޖެހޭނޭ ކަމެވެ. އެހެންކަމުން މި އަހަރު ތަކުގެ ތެރޭގައި އެމެރިކާގައި ވަރީގެ ނިސްބަތް ދެގުނަ އިތުރު ވިޔެވެ. ވަރީގެ ނިސްބަތް މައްޗަށް ދިޔަމިންވަރުން ކޮންމެ 2 ކައިވެންޏަކުން 1 ކައިވެނި ވަރިން ނިމިގެންދާން ފެށިއެވެ. އަދި މީހުން ކައިވެނި ކުރާ މިންވަރާއި ކުދިން ހޯދާ މިންވަރު ވަރަށްބޮޑުތަން ދަށްވެގެން ދިޔައެވެ. ޓީވީ އިން ފެންނަ މީހުންގެ ދިރިއުޅުމަށްވުރެ ހިތާމަވރިކޮށް ހިތްހަމަނުޖެހިފައި އާދައިގެ މީހުންގެ ދިރިއުޅުންތައް ވިއެވެ.

 

 

އަންހެނުން ވަޒީފާޔަށް ދިޔުމުން މުޖުތަމަޢަށް ވަރަށް ގިނަ ގޮތްގޮތުން އަސަރު ކުރިއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އަސަރަކީ ވަޒީފާޔަށްދާ މަންމައިންގެ ދަރިން އެއްވެސް އަޅާލުމެއްނެތި ދޫކޮށްލެވިފައި ވުމެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ގިނަވި ވަރަކަށް އަޅާލުމެއްނެތި ބެލެހެއްޓުމެއްނެތި ބޮޑުވާ ކުދިންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި ފުރާވަރުގެ ކުދިިން ކުރާ ކުށްތައްވެސް އިތުރު ވިއެވެ.

 

 

ގިނަ އަންހެނުން އެބައިމީހުންގެ ވަޒީފާ އާއިލާއަށްވުރެ އިސްކުރުމުން ، އެމީހުންގެ އާއިލީ ދިރިއުޅުމަށް ވަރަށްބޮޑެތި އަސަރުތަކެއް ކުރިއެވެ. ސަބަބަކީ ކައިވެނި ނުކޮށްތިބޭ އަންހެނުންނަށް ކައިވެނި ކޮށްގެންތިބޭ އަންހެނުންނަށް ވުރެ ބޮޑުމުސާރަ ލިބެއެވެ. އޭގެ އެއް މިސާލަކީ ހާރވާރޑްގެ އިކޮނޮމިސްޓަކު ކުރި ދިރާސާއަކުން ދައްކާގޮތުގައި ކައިވެނިނުކޮށް ދަރިންނެތި ތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރަ  ކައިވެނިކޮށްގެންތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރައަށްވުރެ 13% އިތުރެވެ. އަދި ދަރިންތިބޭ އަންހެނުންނަށް ލިބޭ މުސާރައަށްވުރެ 15% އިތުރެވެ.

 

 

މިއަދު

 

 

މިއަދުވެސް ގިނަ އަންހެނުން މަސައްކަތްކުރަނީ އިޤްތިސާދީ ޕިރަމިޑްގެ އެންމެ ތިރީގައެވެ. ގިނައީ އޮފީސްތަކުގައި އުޅޭ ސްޓާފް ކުދިން، ފެކްޓްރީ މަސަކްކަތްކުރާ މީހުން، ސޭލސްް ގަރލް ފަދަ ވަޒީފާތަކުގައި އުޅޭ އަންހެނުންނެވެ. މިއަދު އެމެރިކާގެ ވަޒީފާ އަދާކުރާ މީހުންގެ 50% މީހުންނަކީ އަންހެނުންނެވެ. ގާތްގަނޑަކަށް 78% އަންހެނުން ތިބެނީ ކޭޝިޔަރުންގެ މަޤާމްގައެވެ. އަދި 90% ސެކްރެޓަރީންނަކީ އަންހެނުންނެވެ. މެނޭޖަރުންނާއި އެޑްމިނިސްޓްރޭޓަރުންގެ މަޤާމްގައި ތިބީ އެންމެ 13% އަންހެނުންނެވެ. އަންހެނުނަށް ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަކީ އަވާމެންދުރެއް ކަމުގައިވިޔަސް އެތައް މިލިޔަން އަންހެނުން ވަނީ އެބައިމީހުންގެ ގެތަކުން ނުކުމެ އެބައިމީހުންގެ އާއިލީ ނިޒާމް މުގުރާ ފުޑފުނޑުކޮއްލާފައެވެ.

 

 

އަންހެނުންނަށް މަސައްކަތަށް ވަޒީފާޔަށް ނުކުތުމަށް ގޮވާލެވުނީ ހަމައެކަނި އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން މެދުވެރިވި ސަބަބުތަކެއްގެ ސަބަބުން މަސައްކަތްކުރާނޭ މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުންނެވެ. އެބައިމީހުން މިނިވަންކުރުމުގެ ބޭނުމަކު ނޫނެވެ. އިންޑަސްޓްރިއަލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބު ) ، ދަ ގްރޭޓް ޑިޕްރެޝަން ( ބޮޑުވެގެންވާ ހައިހޫނުކަން ) އަދި ދުނިޔޭގެ ބޮޑެތި ހަނގުރާމަތައް، މިއީ ވަޒީފާ އަދާކުރާ އަންހެނުން އިތުރުވެގެންދިޔަ މައިގަނޑު ހާދިސާ ތަކެވެ. ހަނގުރާމަތަކުގައި ކެޕިޓަލިސްޓުންނަށް އެމީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުން އެމީހުން އަންހެނުންގެ ބޭނުން ކުރީއެވެ.

 

 

އަންހެނުން ގެތަކުންނެރެ ޢާއްމު ވަޒީފާގެ ބާޒާރަށް ވައްދަންފެށީ މަޑުމަޑުންނެވެ. ފުރަތަމަ ފަޤީރު އަންހެނުންނެވެ. ދެން ކައިވެނި ނުކޮށްތިބޭ އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ކުދިން ނެތި ތިބި އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ޅަ ކުދިން ލިބިފައިނެތް އަންހެނުންނެވެ. ދެން ހުރިހާ އަންހެނުންނެވެ. މއަދުވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިކަންތައް ފެންނަމުންދާނެއެވެ. ސަބަބަކީ ހުޅަނގުން މިއަދުވެސް އެގެންދަނީ އަންހެނުންނަށް ވަޒީފާގެ “މިނިވަންކަން” ހޯދައިދިނުމުގެ ޕްރޮޕެގަންޑާ ފަތުރަމުންނެވެ. މި ކަންތައްތަކުގެ ނަތީޖާ އަކަށް ވެގެންދާނީވެސް ކުރީގައި ބަޔާންވެދިޔަ އެމެރިކާގެ އަންހެނުންނަށްވެސް ޖެހުނު ބިކަހާލެވެ. މިއަދު އެބައިމީހުންގެ އަންހެނުންނަކީ އެއްވެސ އަގެއްނެތް ކުނި ތަކެކެވެ. ބޭނުން ބަޔަކު ބޭނުން ވަރަކަށް ބެނުންކޮށްފައި އުކާލެވޭ ކުނި ތަކެކެވެ.

 

 

 

Bibliography

-Hawes, Joseph M., ed. American Families: A Research Guide and Historical Handbook. New York: Greenwood Press,- 1990.

-Mintz, Steven. Domestic Revolutions. New York: the Free Press, 1988.

-Gary B. Nash, American Odyssey. New York: Glencoe McGraw-Hill, 2002.

-Wilson, Margaret Gibbons. The American Woman in Transition. Connecticut: Greenwood Press, 1979.

-Goldstein, Joshua S. War and Gender: How Gender Shapes the War System and Vice Versa. Cambridge University Press, 2001.

-U.S. Department of Labor, Women’s Bureau. Women in the Force, 1900-2002. http://www.infoplease.com/ipa/0/1/0/4/6/7/A0104673.html

-The Library of Congress Rosie the Riveter: Real Women Workers in World War II http://www.loc.gov/rr/program/journey/rosie-transcript.html

 

 

 

Advertisements

Read Full Post »