Feeds:
Posts
Comments

Archive for December 5th, 2008

10165

 

އަހަރެންނާއެކު ހިނަގާށެވެ. މިއީ ރަނގަޅު ވަގުތެކެވެ. މިއީ ބިންމަތީގައި އޮތް ޢިބުރަތުގެ ކަނޑެކެވެ. މިތާނގައި ފަތަޙަ ކުރާ މީހުންނާއި އަނިޔާވެރިންނާއި ރަސްރަސްކަލުންނާއި ޢިލްމުވެރިން އެއްމެން އެއް ހަމައެއްގައި ވެއެވެ. އެތައް އެތައް ހެޔޮ އެދޭ އެކުވެރިންނާއި ތިމާގެ މީހުން މަރުވުމަށް ނޭދި ތިއްބާ އެއްބަޔަކު ރޮއްވާފައި މިމީހުން މިތަނަށް އައުމީ މިތަނުން ލިބޭ ވަރަށް ބޮޑު ދަރުސެކެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހުވަފެނެއްފަދަ އެއްޗެއްކަން އެނގޭ ބުއްދިވެރި ސިކުނޑިޔެއް ނަމަ މިތަން ރަމްޒަކަށް ވާނެއެވެ.

އާދޭހެވެ. މި ވަގުތުކޮޅަކީ ވަރަށް ރަނގަޅު ވަގުތު ކޮޅެކެވެ. ސަބަބަކީ މިއީ މަރު ހަނދާންކޮށްދޭ ވަގުތުކޮޅެކެވެ. ދުނިޔޭގެ ކުރު އަދި ވަގުތީ ދިރިއުޅުމުގެ އަގެއް ނެތްކަން އަންގައިދޭ ވަގުތުކޮޅެކެވެ. ކުރިޔަށް އޮތް ޙަޤީޤީ ދިރިއުޅުން ހަނދާންކޮށްދޭ ތަނެކެވެ. ކޮށްވައިފާ ނުބައި ކަންތައްތަކުން ތައުބާ ވުމަށް އިންޒާރުގެ ހަނދާންތަކެއް އާވާ ވަގުތުކޮޅެކެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ވަގުތު ކޮޅެކެވެ.

މިހުރިހާ ސަބަބު ތަކާއިހުރެ ދެންނެވޭނީ ޤަބުރުސްތާނަކީ ބިންމަތީގައި އޮތް ޢިބުރަތުން ފުރިގެންވާ ތަނެއް ކަމަށެވެ. އެތައް އެތައް ފިލާވަޅު ތަކެއް ލިއްބައިދެއެވެ. އެތައް ބައެއްގެ މާޒީ އެތަނެއްގައި ވަޅުލެވިފައި ވެއެވެ. މޮޅު މީހުންނާއި ދެރަ މީހުންނެވެ. ތަންތަން ފަތަޙަ ކުރި މީހުންނާއި ބޮޑެތި އަނިޔާވެރިންނެވެ. އަދި ރަސްރަސްކަލުންނާއި ޢިލްމުވެރިން ވެސްމެވެ. ތަފާތު ދަރަޖައިގެ ތަފާތު މިޒާޖުގެ އަނިޔާވެރި އަދި ހެޔޮލަފާ މީހުންނެވެ. އެއްމެން ވަނީ އެއް ޙާލެއްގައެވެ. އާދޭ! މަރުވެފައެވެ. ދުނިޔޭގެ ވަގުތީ ދިރިއުޅުން ނިންމައި އާޚިރަތާއި ކުރިމަތި ލާފައެވެ.

މިބައިމީހުން މަރު ނުވުމަށް އެދި އެތައްބަޔަކު ރުޔެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ލޯބިވާ މީހުންނެވެ. ނަމަވެސް އެމީހުންގެ ރުއިމަކުން ވީ ކަމެއް ނެތެވެ. މިހުރިހާ އެއްމެންނާއި މަރު އައިސް ޖެހުނެވެ. މި އެއްމެންވެސް މަރުގެ ތޖުރިބާ ކުރިއެވެ. މަރުގެ ރަހަ ދެކުނެވެ. އަޅުގަނޑުމެން މިތިބީ އެމީހުންގެ ފަހަތުން އެމީހުންނާއި ގުޅޭނޭ ބައެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އެއްމެންވެސް މަރުވާނެއެވެ. އެއަށް ފަހު ބިރުވެރި އަނދިރި ކަށްވަޅަކަށް އެކަނި މާއެކަނި ލެވޭނެއެވެ. އެއްމެ ލޯބިވީ މީހާވެސް އެކީގައި ނުވާނެއެވެ. ޤަބުރުސްތާނުގައި ތިބި މީހުންވެސް އެތައް ބަޔަކު ރޮއްވާފައި އެތަނަށް އައެވެ. އޭގެ އެކަކަށްވެސް މަރު ނުހުއްޓުވުނެވެ. އެންމެ މާތް އިންސާނާ ލޮބުވެތި ރަސޫލުﷲ ޞައަލަﷲ ޢަލައިހި ވަސައްލަމް އަށް ވެސް މަރުގެ ވޭން ލިބިވަޑައިގެންނެވިއެވެ.

އެހެންކަމުން ބުއްދިވެރިންގެ ގޮތަކީ ދުނިޔެވީ ދިރިއުޅުމަކީ ޙަޤީޤީ ދިރިއުޅުން ނޫންކަން ދަނެގެން ދުނިޔެ ގަނެފައި އާޚިރަތް ވިއްކާ ނުލުމެވެ. އެންމެ ފައިދާ ބޮޑު ގޮތަކީ އާޚިރަތަށް ޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. މި މަސައްކަތް ކުރުމަށް ހިއްވަރުލިއްބައިދޭ ރަމްޒެއްކަމުގައި ޤަބުރުސްތާން ވެއެވެ. އެތަން އަހަރެމެންނަށް މަރު ހަނދާންކޮށް ދެއެވެ. މި ދުނިޔޭގައި ދާއިމަށް ނޫޅެވޭނެކަން ބަޔާން ކޮށްދެއެވެ.

Advertisements

Read Full Post »