Feeds:
Posts
Comments

Archive for November 20th, 2008

ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ ޝުޢޫރުތަކުގެ ތެރެއިން ލޯތްބަކީ މުޅިންވެސް އާދަޔާއިޚިލާފު ޝުޢޫރެކެވެ. ރުޅި އެއީވެސް ޝުޢޫރެކެވެ. ހިނިތުންވުން އެއީވެސް ޝުޢޫރެކެވެ. ނަމަވެސް މިއީ ވަރަށް ކުޑަ ހިނދުކޮޅަކަށް އައިސް ގޮސް ވާ އެއްޗެކެވެ. އެހެން ނަމަވެސް ލޯތްބަކީ ޝުޢޫރުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޝުޢޫރެވެ. ލޯތްބެއް އުފެދިއްޖެ ހިތަކުން އެލޯތްބެއް ނެރެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ލޯބި ބެހިގެން ވަނީ ދެ ބަޔަކަށެވެ. ކިޔަމަންތެރިކަން، އަޅާލުމާއި ކުލުނުގެ ލޯތްބެވެ. އިޝްގީ ލޯތްބަކީ ހަގީގީ ލޯތްބެއް ނޫނެވެ. އަނބިމީހާ ދެކެވެސް ވާ ލޯތްބަކީ އަޅާލުމާއި ކުލުނުގެ ލޯތްބެވެ. ނަމަވެސް ލޯބި ފާޅުކުރާގޮތް އެކި ޙާލަތްތަކުގައި ތަފާތުވެއެވެ. ތިމާގެ އަނބި ދަރިންނާއި މުދަލާއި ގެދޮރު ދެކެ ލޯބިވާ ފަދައިން ތިމާގެ ގައުމު ދެކެ ލޯބިވުމަކީވެސް އޮތް ކަމެކެވެ.  

ލޯބީގެ ޤާނޫން އަސާސީ އަކީ ﷲ ދެކެ ވާންޖެހޭ ލޯތްބެވެ. އެއީ ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ ނަހީ ތަކުން ދުރުވުމެވެ. ﷲ އަށް ބިރުވެތިވުން ޙައްގު ގޮތުބައި އެކަލާންގެއަށް ބިރުވެތިވުމެވެ. ދެން އޮތީ ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އަށް ކުރުން ކޮންމެ މީހަކަށްވެސް ވާޖިބު ވެގެންވާ ލޯތްބެވެ. ތިމާގެ އަނބިދަރިންނާއި މުދަލަށްވުރެ ބޮޑަށް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ދެކެ ލޯބިވުމަކީ އީމާންކަން ފުރިހަމަ ވުމުގެ ޝަރުތެކެވެ. ﷲ ތަޢާލާ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އަށް ލޯބިކުރުން ވާޖިބު ވެގެން ވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވާތީ އެވެ. މި ދެ ލޯބި ފިޔަވައި ދެން އިންސާނާ ކުރާ ހުރިހާ ލޯތްބެއް ކުރަން ޖެހޭނީ މި ދެ ލޯތްބާއި ފުށުނާރާ ގޮތަށެވެ. ﷲ ތަޢާލާ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ގެ އަމުރުފުޅުތަކާއި ޚިލާފުނުވާ ގޮތަށެވެ.

އެހެންކަމުން ގައުމީ ލޯބިވެސް ވާންޖެހޭނީ މިގޮތުގެ މަތިންނެވެ. އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީނެވެ. އެއްވެސް ޙާލަތެއްގައި ޤައުމިއްޔަތު ނުވަތަ ވަތަނިއްޔަތު އެއީ ދީނެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ގައުމީ ލޯތްބައްވުރެ އިސްލާމްދީން އިސްކުރަން ޖެހޭނެއެވެ. އެހެންކަމުން ގައުމީ ލޯބި ވުމުގައި އިސްލާމް ދީނާއި ފުށުއަރާ ކަމެއް އޮވެގެން ނުވާނެއެވެ.

ގައުމީ ލޯތްބަކީ ހިތް ކަމުގައި ބަލާނަމަ ހިތުން އުފެދޭ އެންމެ ފަލަ އަދި އެންމެ ފުރަތަމަ ލޭ ހޮޅިއަކީ މިނިވަންކަން ކަމުގައި ބުނެވިދާނެއެވެ. ޤައުމީ ލޯތްބަކީ ދިފާޢީ ލޯތްބެއް ކަމުގައިވެސް ބެލެވިދާނެއެވެ. މިނިވަންކަން ގެއްލި ދިޔުމުން ޤައުމީ ލޯބި އުތުރި އަރައެވެ. އަދި ޤައުމު ދިފާޢު ކުރުމުގެ ރޫޙު އުފެދިގެން ދެއެވެ. ޤައުމީ ލޯތްބަކީ އެ ޤައުމެއްގެ ރައްޔިތުން އެކަތި ގަނޑަކަށް ހަދައިދޭ ބާރެކެވެ.

ކޮންމެ ގޮތަކަށް ވީ ކަމުގައި ވިޔަސް، ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯތްބަށްވުރެ އެހެން އެއްވެސް ލޯތްބެއް މަތިވެރި ކުރުމަކީ މުސްލިމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.

Advertisements

Read Full Post »