Feeds:
Posts
Comments

Archive for November 18th, 2008

ޢިލްމުވެރިން ދޫކޮށް ކުޅިވަރާއި މިއުޒިކް ގެ ވަބާގެ އަހުލުންނަށް އަޅުގަނޑުމެން ގެ މުޖުތަމަޢު ވަކި ހިއްޕާފައިވަނީ ވަރަށް ނުރައްކާތެރި އަދި އެހާމެ ގެއްލުންހުރި މިންވަރަކަށެވެ. މި މައްސަލައަކީ އަޅާނުލާ ފަރުޖެއްސޭ ވަރުގެ ކުޑަ މައްސަލައެއް ނޫނެވެ. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ކުޅިވަރާއި މުނި ފޫހި ފިލުވުމަކީ ޙައްޤު ބަސް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރެވޭ ކަމެއްނޫނެވެ. ގިނަ ފަހަރު ކުޅިވަރު ވެގެންދަނީ ވަގުތު ބޭކާރު ކުރުމަކަށެވެ. އަދި ކުޅިވަރަށް ދެވިހިފާލެއް ބޮޑު ކަމުން ﷲ ފަރުޟު ކުރައްވާފއިވާ ފަސްނަމާދުވެސް އޭގެ ވަގުތުގައި އަދާ ކުރުމަށް ބުރަހެލިވެ ފަރުވާ ކުޑަކޮށް ދޫކޮށްލަނީއެވެ. އަދި މުނިފޫހި ފިލުވުމަށްޓަކައި ރޭގަނޑު ގެ ތަކުގައި ނިވިދިއްލޭ ބޮކިތައް ލައިގެން ދެ ޖިންސުގެ ޒުވާނުން ގައިގޯޅިވެ ނެށުން ފަދަ ފާޙިޝް ކަންތައްތަކަކީ މިއަދު މި މުޖުތަމަޢުގައި ޢާއްމު ވެފައިވާ ކަމެކެވެ.

ޢިލްމުވެރިންނަކީ ޙައްޤުގެ އަހުލުވެރިންނެވެ. އެމީހުންނާއި ދުރަށް ދިޔުމަކީ ޙައްޤާއި ދުރަށް ދިޔުމާއި އެއްފަދަ ކަމެކެވެ. މިހެން ވުމުގެ ސަބަބުން ގިނަ ފަހަރަށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވަނީ ބާތިލް ގޮތްތައް ފެތުރިފައެވެ. ކޮންމެ ކަމެއްގައިވެސް ރަނގަޅުގޮތް އެނގޭނީ އެކަމުގެ ޢިލްމުވެރިންނަށެވެ. އެހެންކަމުން މި މުޖުތަމަޢަށް ދިމާވެފައިވާ މި ބޮޑު މައްސަލައާއި މެދު އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހެއެވެ. މިކަމާއިމެދު ދިރާސާ ކުރަން ޖެހެއެވެ. އަދި މިކަން ރަނގަޅު ކުރުމަށް ކުރެވިދާނޭ ކަންކަމާއި މެދު ވިސްނައި އެ ގޮތަށް ޢަމަލު ކުރަން ޖެހެއެވެ. ޤައުމީ ޙައިސިއްޔަތުން ކަމުގެ ބޮޑުކަން މީހުންނަށް ހާމަކޮށްދޭން ޖެހެއެވެ.

ޢިލްމުވެރިންނަކީ ވަރަށް ޤަދަރުވެރި ބަޔެކެވެ. ނަމަވެސް އެބޭފުޅުންނަށް ޙައްޤުވެގެންވާ ޤަދަރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނުދެވޭކަން ފާހަނގަ ކުރެވެއެވެ. ގިނަފަހަރަށް އެބޭފުޅުން ވިދާޅުވާ އެއްޗަކަށް މަލާމާތްކުރުން ނޫން އެހެން ކަމެއް އަޅުގަނޑުމެންނަށް ނުކުރެވެއެވެ. ޙަޤީގަތުގައި ކުޅިވަރު ކުޅޭ މީހުންނާއި މުނިފޫހި ފިލުވައިދޭ މީހުންނަކީ އެހާ ޤަދަރުވެރި ބަޔެއް ނޫނެވެ. ސަބަބަކީ ކުޅިވަރާއި މުނިފޫހި ފިލުވުމާއި މަޖަލަކީ އިންސާނީ ދަރިފަސްކޮޅަށް އެހާ މުހިއްމު އަސާސީ ކަންކަމެއް ނޫނެވެ. ނަމަވެސް ޢިލްމަކީ އޭގެ ޙަޤީޤީ ގޮތް އޮޅިއްޖެނަމަ މުޖުތަމަޢު މަގުފުރެދި އެކި ގޮތް ގޮތުން ހަލާކުވެ ފަނާ ވެދާނެ އެއްޗެކެވެ. އެހެންކަމުން ޢިލްމަކީ މުޖުތަމަޢުގެ ތަރައްޤީ އާއި އަމަން އަމާންކަމަށް ވަރަށް މުހިއްމު އަދި އެހާމެ ފައިދާހުރި އެއްޗެކެވެ. އަޅުގަނޑުމެންނަށް ޢިލްމު ފޯރުކޮށް ދެއްވަން ތިއްބެވީ ޢިލްމުވެރިންނެވެ.

ޢިލްމުވެރިންގެ ޤަދަރު ވެއްޓެން ދިމާވި ސަބަބެއް ކަމުގައި ޢިލްމުވެރިންގެ ނަމުގައި ނުކުތް ޖާހިލުން ބެލެވިދާނެއެވެ. އެމީހުން އެމީހުން ބޭނުންވާ ގޮތަކަށް ޙައްޤުގެ ނަމުގައި ކަންތައްތައް ބަޔާންކޮށްދީ ދޮގުހެދީއެވެ. ޙައްޤަށް ލޯބި ކުރައްވާ ޢިލްމުވެރިޔަކު ޙައްޤު ބަޔާން ކޮށްދެއްވީމާ މި މީހުން މީސްތަކުންނަށް ޢިލްމު އޮޅުވާލަނީ އެވެ. ދުނިޔޭގެ ކުޑަކުޑަ ފައިސާ ކޮޅެއްގެ ދަހިވެތި ކަމުގައެވެ. މިފަދަ މީހުންނަކީ މުޖުތަމަޢުގެ ހަލާކެވެ.

މި މީސްމީހުން މީސްތަކުންނަށް މަގުދައްކަނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ވަގުތު ހޭދަކޮށް ދުނިޔޭގެ ދުވަސްތައް މަޖަލާއި ހިތްހަމަޖެހުމާއި އުފަލާއި އަރާމުގައި ހޭދަކުރުމަށެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ކިތައްމެ ބޮޑު ފާފައަކަށް އަރައިގަތަސް މައްސަލައެއް ނޫން ކަމުގައެވެ! މިފަދަ ޝައިތާނުންގެ ވަސްވާހުގެ ސަބަބުން މީސްތަކުންގެ މެދުގައި ޢިލްމުވެރިންގެ އަގު ވެއްޓެއެވެ. ޙައްޤުގެ މަޤަށް މީސްތަކުން ކުރާ އިތުބާރު ގެއްލި ދެއެވެ. އަދި ޢިލްމީ ގޮތުން މީސްތަކުންގެ ވިސްނުން ބައިބައިވެ ޙައްޤު ގޮތަކީ ކޮބައިކަން ވިސްނައިގަތުމަށް މީސްތަކުންނަށް ދަތިވެއެވެ.

މިކަންކަން ރަނގަޅުކޮށް މުޖުތަމަޢު އިޞްލާޙު ކުރެވޭނީ ޢިލްމުވެރިންގެ ނަމުގައި މީސްތަކުން މަގުފުރައްދާ މީހުން ވަކިކޮށް އެބައިމީހުންނަށް ޙައްޤު އަދަބުދީ އެބައިމީހުންގެ އަނގަ ބަންދުކޮށްގެންނެވެ. އަދި ޙައްޤުގެ ޢިލްމުވެރިން ޙައްޤުބަސް ފެތުރުމަށްޓަކައި އިތުރު ޕޮރޮގްރާމްތައް ހިންގައި ފޮތްތައް ލިޔެ ވެބްސައިޓްތައް ހަދައި އިތުރު މަސައްކަތްތައް ކުރަންޖެހޭނެއެވެ. އޭރުން، ﷲ އިރާދަކުރެއްވިއްޔާ، ބޭކާރު ކުޅިވަރު ތަކާއި މުނިފޫހި ފިލުވުމުގެ މަޖަލުން މީސްތަކުން ދުރުވެ އެމީހުންގެ ހަމަބުއްދިޔަށް ރުޖޫޢަވާނެއެވެ. އަދި މި މުޖުތަމަޢު އިޞްލާޙު ވެގެންދާނެއެވެ.

Advertisements

Read Full Post »